މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދިންގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަޖީދީމަގުން މީހަކު ހުއްޓުވައި، އޭނާ ބަނގުރަލާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ ގދ. ގައްދޫ / ރެޑްމާގެ، މުޙައްމަދު އަޒްހަމް ސަޢީދު (33 އަހަރު) އެވެ. ފުލުހުން ބުނިގޮތުގައި، އަޒްހަމްގެ ސައިކަލް ބަލައި ފާސްކުރިއިރު، ތިން ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލަ މިހާރު ދަނީ ތަޙްޤީޤު ކުރަމުންނެވެ. އާއަހަރާއި ދިމާކޮށް، ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރި ކުރުން އިތުރުވެދާނެ ކަމަށް ބެލެވޭތީ، ފުލުހުން ދަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންކަމަށެވެ.
މި އޮޕަރޭޝަންގެ ދަށުން ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި، ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭތަކާއި ރެސްޓޯރަންޓްތައް މޮނިޓަރކޮށް، ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި ޤާނޫނާ ޚިލާފު ޢަމަލުތަކާއި ގުޅޭ މަޢުލޫމާތު ލިބިވަޑައިގަންނަވާ ނަމަ، ލަސްނުކުރައްވައި އެންގެވުމަށް އާމުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެެވެ.









