ވެމްކޯއިން އައްޑޫއާއި ފުވައްމުލަކަށް ޖުމްލަ 27 ވެށިފާރަވެރިން ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މި ވަޒީފާތަކަކީ ވެމްކޯގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ކުރާ މުވައްޒަފުންގެ މަޤާމުތަކެކެވެ.
ވެމްކޯއިން މަޢުލޫމާތު ދިން ގޮތުގައި އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކުނި ނެގުމުގެ މަސައްކަތް ކުރުމަށް 17 ވެށިފާރަވެރިން ބޭނުންވާއިރު، ފުވައްމުލަކުގެ އަވަށްތަކުން ކުނި ނެގުމަށް 10 ވެށިފާރަވެރިން ބޭނުންވެއެވެ. މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ވަޒީފާއަށް އެދޭ ފޯމު ވެމްކޯގެ ވެބްސައިޓުންނާއި، ހިތަދޫގައި ހުންނަ ސައުތު ރީޖަން އޮފީހުންނާއި، ވެމްކޯ ފުވައްމުލަކު އޮފީސް (ރަމީޒް، ފުނާޑު) އިން ލިބެން ހުންނާނެކަމަށް އެ ކުންފުނިން މަޢުލޫމާތު ދިނެވެ. އަދި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުމާއި އިމްތިޙާނު ކުރުން އަންނަ މަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.
ވެށިފާރަވެރިންގެ އަސާސީ މުސާރައަކީ މަހަކު 9,000 ރުފިޔާއެވެ. މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތު 3000581 ނަންބަރުން ހޯދޭނެކަމަށް ވެމްކޯއިން ބުނެފައިވެއެވެ.









