ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2024 ވަނަ އަހަރަށް ބަހާފައިވާ ޑިޖިޓަލް ކަލަންޑަރު އަލުން ބޭނުންކުރުމަށް ނިންމައިފިއެވެ. މިއީ ކުންފުނީގެ ސަސްޓެއިނަބިލިޓީ، އިނޮވޭޝަން އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަން ސިޔާސަތުގެ ދަށުން އަޅާ އިތުރު ފިޔަވަޅެކެވެ.
އެސްޓީއޯއިން މަޢުލޫމާތު ދިންގޮތުގައި، 2024 ވަނަ އަހަރު ތަޢާރަފުކުރި "އެސްޓީއޯ ޑިޖިޓަލް ކަލަންޑަރު" ގެ ކާމިޔާބީއާ ގުޅިގެން، 2025 ވަނަ އަހަރަށް މި ކަލަންޑަރު ސޮފްޓްވެއަރ އަޕްޑޭޓުކޮށް "ރީޔޫސް" ކުރުމަށް ވަނީ ނިންމާފައެވެ. މި ނިންމުމަކީ އެސްޓީއޯގެ ޕޭޕަރލެސް ޕޮލިސީގެ ދަށުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ތަޢާރަފުކޮށްފައިވާ ޑިޖިޓަލް ކަލަންޑަރުތައް ކޮންމެ އަހަރަކު ވެސް ސޮފްޓްވެއަރ މެދުވެރިކޮށް އަޕްޑޭޓްކުރެވޭނެއެވެ. މިކަމުގެ ސަބަބުން އަލުން ޕްރިންޓްކުރަން ނުޖެހި، ކުނި އުފެދުމާއި ތިމާވެއްޓަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.
މި ބަދަލުގެ ސަބަބުން ކޮންމެ އަހަރަކު ކަލަންޑަރު ޕްރިންޓްކުރުމަށް ބޭނުންކުރެވޭ ގިނަ ޢަދަދެއްގެ ކަރުދާހާއި ދެލި ސަލާމަތްކުރެވޭނެއެވެ. އަދި މީގެ ސަބަބުން ގަސްތައް ސަލާމަތްވުމާއި، ކުނިގޮނޑުތަކަށް އުކާލެވޭ ކުނި މަދުވުމާއި، އަދި ކާބަން ފުޓްޕްރިންޓް ކުޑަވުން ފަދަ ފައިދާތައް ލިބޭނެއެވެ.
އެސްޓީއޯއިން އިތުރަށް މަޢުލޫމާތު ދިންގޮތުގައި މިއީ ކޮންމެ އަހަރަކު އައު ކަލަންޑަރެއް އުފެއްދުމަށް ބޮޑެތި ވަސީލަތްތައް ހޭދަކުރުމުގެ ބަދަލުގައި އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ އޯލްޓަނޭޓިވްތައް އިޚްތިޔާރުކުރުމަށް އެހެން ފަރާތްތަކަށްވެސް ހިތްވަރުދީ ގޮވާލާ ގޮވާލުމެކެވެ.
އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ދެމެހެއްޓެނިވި ތަރައްޤީއާ ދިމާލަށް ވާސިލުވުމަށް އެހެނިހެން ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން "ޚުލާސާ" އިން ކުރި ސުވާލަކަށް ޖަވާބުދެމުން އެސްޓީއޯއިން ބުނީ، ޑޮކިއުމެންޓުތަކުގައި ސޮއިކުރަން ބޭނުންކުރާ ސޮފްޓްވެއަރ ބޭނުންކުރަން ފެށިފަހުން އޭގެ ރިޕޯޓުން ދައްކާގޮތުގައި މިހާތަނަށް އެ ސޮފްޓްވެއަރ ބޭނުންކޮށްގެން އެ ކުންފުނިން 6,705 ޕައުންޑުގެ ކާބަން އެމިޝަން ދަށްކޮށްފައިވާ ކަމަށެވެ.
އެސްޓީއޯގެ މި އިސްނެގުމަކީ ތިމާވެށި ރައްކާތެރިކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރިތައް ހިންގުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. މި ބަދަލާއެކު، އެސްޓީއޯއިން ދިވެހިރާއްޖޭގެ ކޯޕަރޭޓް ދާއިރާގައި ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ވިޔަފާރީގެ އާ މިސާލެއް ވަނީ ދައްކުވައިދީފައެވެ.









