މަސްތުވާތަކެއްޗާ އެކު އަތުލައިގަތް މީހަކު ކުށަށް އިންކާރުކޮށް، އެ ތަކެއްޗަކީ އޭނާގެ ބައްޕަގެ އެއްޗެހި ކަމަށް ކޯޓުގައި ބުނެފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލެ، މ. ކޯރަސް، މުހައްމަދު ރިޝްވާން ނައީމް، 23 އެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާ އަދި ޓްރެފިކްކުރި ކަމަށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި އޭނާގެ އަތުން ފެނުނު ތަކެއްޗަކީ އޭނާގެ ބައްޕަގެ އެއްޗެހި ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް، ފުލުހުން ކޯޓުގައި ބުނީ އެ ތަކެއްޗަކީ އޭނާގެ ބައްޕަގެ އެއްޗެހި ކަމަށް މި ތަކެތި އަތުލައިގަތް ސީނުގައި އޭނާ ބުނެފައި ނުވާ ކަމަށެވެ.
އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، އެއީ ސީދާ ކިހާ އަދަދެއް ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސާސްގެ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތީގެ ތަހުލީލް ރިޕޯޓާއި ކުޑަކަމުދާތަކެތީގެ ރިޕޯޓަށް ބަލައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ ހެކި ހުރުމުން ކޯޓުން ވަނީ 30 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.









