މާލޭގެ މަގަކުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް އިއްޔެ އިތުރުކޮށްފި އެވެ.
އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް، 30 އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ ހަތް ދުވަހެވެ. އެ މުއްދަތު ހަމަވީ އިއްޔެ އަށެވެ.
ބަންދުގެ މުއްދަތު އިތުރުކުރަން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.
ފަށް ފޭރުނު ނަމަވެސް އޭނާގެ އަތުގައި މިހާރު އެ ފަށް ނެތް ކަމަށާއި ގެއްލުން ލިބުނު މީހާއަށް ބަދަލުދޭން ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް އިތުރު 15 ދުވަސް ދިނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެވެ.
ކޯޓު އަމުރުގައި ބުނި ގޮތުގައި، އޭނާ އަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު ވެސް އޮތް މީހެކެވެ.









