ދެކުނު ކޮރެއާގެ ބޯޓެއް މުއަންގް އެއާޕޯޓުގައި ވެއްޓި މަރުވި މީހުންގެ އަދަދު 87 އަށް އަރައިފިއެވެ.
ދެކުނު ކޮރެއާގެ ޖެޖޫ އެއާގެ 181 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓެއް އެގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ މުއަންގް އެއާޕޯޓުގައި ވެއްޓި 87 މީހުން މަރުވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކުރާ ގޮތުގައި އެ ބޯޓު ވެއްޓިފައި ވަނީ މަތިންދާބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ދޫނި ބައިގަނޑެއްގައި ޖެހިގެންނެވެ.
މި ފްލައިޓަކީ ތައިލެންޑްގެ ބެންކޮކުން ދަތުރުކުރި ފްލައިޓެއް ކަމަށާއި އެ ފްލައިޓުގައި 175 ފަސިންޖަރުންނާއި ހަ ފަޅުވެރިން ތިބި އިރު. ފަސިންޖަރުންގެ ތެރޭގައި ދެކުނު ކޮރެއާގެ 173 މީހުންނާއި ތައިލެންޑްގެ ދެ މީހުން ހިމެނޭ ކަމަށް ޔޮންހަޕް ނިއުސް އެޖެންސީން ބުނެއެވެ.
ދެކުނު ކޮރެއާގެ ފަޔާ އެޖެންސީން ބުނީ ބޯޓު ވެއްޓުނު ތަނަށް 32 ފަޔާ ޓްރަކާއި އެތައް ސަލާމަތީ ޓީމެއް ފޮނުވާފައިވާ ކަމަށެވެ. ސަލާމަތީ ޓީމުތަކުން ދަނީ މަތިންދާބޯޓުގެ ޓޭލް ސެކްޝަންގައި މަސައްކަތް ކުރަމުން ކަމަށާއި އެތަނުގައި ގިނަ ފަސިންޖަރުންތަކެއް ތާށިވެފައި ތިބި ކަމަށެވެ. އިތުރު 40 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ބައެއް މީހުންގެ ހާލު ސީރިއަސް އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ރަންވޭއަށް ޖައްސާލުމުގެ ކުރިން ކޮންޓްރޯލް ގެއްލިފައިވާއިރު، ފެންސެއްގައި ޖެހި އަލިފާން ރޯވެގެން ދިޔައެވެ.








