ބޮލީވުޑްގައި އަލަށް ފާހަގަކުރެވެމުން އަންނަ ދެ ތަރި، ޙުޝީ ކަޕޫރު އާއި ޖުނައިދް ޚާން އެކުގައި ކުޅޭ އައު ފިލްމުގެ ނަން ހާމަކޮށްފިއެވެ.
"ލަވްޔާޕާ" ނަމަކަށް ކިޔާފައިވާ މި ފިލްމަކީ ޒީ ސްޓޫޑިއޯ އާއި މަޝްޙޫރު އެކްޓަރު އާމިރު ޚާން ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމު ތިއޭޓަރުތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުއެވެ. "ލަވްޔާޕާ" ޑައިރެކްޓްކޮށްފައިވަނީ އަދުވައިތު ޗަންދަންއެވެ. އޭނާއަކީ އާމިރު ޚާންގެ 2022 ވަނަ އަހަރުގެ ފިލްމު "ލާލު ސިންގް ޗައްޑާ" ގެ ޑައިރެކްޓަރެވެ. ރިޕޯޓުތަކުގައިވާ ގޮތުން، މި ފިލްމަކީ 2022 ވަނަ އަހަރުގެ ތަމަޅަ ފިލްމު "ލަވް ޓުޑޭ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ޙުޝީ ކަޕޫރަކީ ދިވެހިންގެ މެދުގައި ވެސް މަޝްހޫރު ބޮލީވުޑް ތަރި، ދިވަންގަތަ ސްރީދޭވީގެ ހަގު ދަރިފުޅެވެ. އޭނާގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެޓްފްލިކްސް އިން ދައްކާލި "ދި އާޗީސް" އެވެ. މީގެ އިތުރުން، ޙުޝީ ވަނީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާއެކު "ނާދާނިޔާ" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ނިންމާފައެވެ. މިއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ދަށުން އުފައްދާ ފިލްމެކެވެ.
ޖުނައިދް ޚާންގެ ފުރަތަމަ ފިލްމަކީ މި އަހަރުގެ ޖޫން މަހު ޔާޝްރާޖް ފިލްމްސް އިން ނެޓްފްލިކްސް އަށް ގެނައި "މަހާރާޖް" އެވެ. އޭނާ ވަނީ ދެކުނުގެ ބަތަލާ ސައީ ޕައްލަވީއާއެކު "އޭކް ދިން" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ނިންމާފައެވެ. މި ފިލްމަކީ ވެސް އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.









