ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޝަހީދު އިބްރާހިމް މިއަދު މަޤާމުން ވަކިކޮށްފިއެވެ.
ޝަހީދު ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެވުނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ވަނީ ގެމަނަފުށި ދާއިރާގެ މަޖިލިސް މެންބަރުކަމަށް ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިޚާބުގައި ބަލިވުމާއި ގުޅިގެން ވެމްކޯގެ މަޤާމަށް ޝަހީދު ވަނީ އައްޔަނު ކުރައްވާފައެވެ.
ޝަހީދު މަޤާމުން ވަކިކުރެވުނުކަން ޚުލާސާއަށް ކަށަވަރުވި ނަމަވެސް ވަކިކުރެވުނު ސަބަބު އަދި މިހާތަނަށް ސާފުވެފައިނުވެއެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިކަން އާންމުކޮށް އިޢުލާނުކޮށްފައިވެސް ނުވާކަންވެސް ފާހަގަކުރެވެއެވެ.
ޝަހީދު 17 އަހަރު ވަންދެން ދިވެހި ސިފައިންގެއަށް ޚިދުމަތް ކުރެއްވިއެވެ. އެއީ 2001 އިން 2018 އާއި ހަމަޔަށެވެ. މީގެ އިތުރުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓުގެ ކައުންސިލް މެންބަރެއްގެ މަޤާމުވެސް އަދާކުރައްވާފައި ވެއެވެ.









