ހުޅުމާލެ ފޭސް 3 ގައި ބަނގުރާ ކައްކައި އޭގެ ވިޔަފާރިކުރާ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 3 ގައި ބިދޭސީއަކު ފޮށިގަނޑެއް ހިފައިގެން ދާތަން ފެނިގެން ފުލުހުން އޭނާގެ ހަރަކާތްތައް ބެލި ކަމަށެވެ. އޭނާ ފޭސް 3 ގެ ބީޗު ސަރަހައްދުގައި އެ ފޮށިގަނޑު ފޮރުވި ކަމަށާއި އެކަން ހުއްޓުވަން އުޅުމުން ފުލުހުންނާ މާރަމާރީ ހިންގައި ފިލަން އުޅުނު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފޮރުވި ފޮށިގަނޑު ނަގައި ބެލިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ 500 އެމްއެލްގެ 30 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ދިރިއުޅޭ ސައިޓަށް ފުލުހުން ދިޔުމުން އިތުރު ދެ މީހަކު ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެތަނުގައި ބަނގުރަލަށް ޝައްކު ކުރެވޭ 500 އެމްއެލްގެ 72 ފުޅި އާއި ބަނގުރާ ފުޅިއެއް އަދި ބަދިގެ ތެރެއިން ބަނގުރާ ކައްކަން ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ބަންގުލަދޭޝްގެ ތިން ފިރިހެނުން ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.









