ދައުލަތުގެ އޮފީސްތަކުގެ އަހަރީ ޕްރޮކިއުމަންޓް ޕްލޭންތަކުގެ މަޢުލޫމާތު އާންމުކުރުމަށް ނިންމައި، އެ މަޢުލޫމާތުތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮފީސްތަކަށް އިއްޔެ ފޮނުވި ސަރކިއުލަރއެއްގައި ބުނެފައިވަނީ، ދައުލަތުގެ އޮފީސްތަކުގެ އަހަރީ ޕްރޮކިއުމަންޓް ޕްލޭންތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް ފެންނާނެހެން ޝާއިޢުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޕްލޭންތަކަކީ މާލިއްޔަތު ޤާވާޢިދުގެ ދަށުން ދައުލަތުގެ ބަޖެޓުން ހިންގާ ހުރިހާ ތަނަކުން ތައްޔާރުކުރަންޖެހޭ ލިޔުމެކެވެ.
މިނިސްޓްރީން ބުނީ، ދައުލަތުގެ އޮފީސްތަކުން ތައްޔާރުކުރަންޖެހޭ އަހަރީ ޕްރޮކިއުމަންޓް ޕްލޭން އަންނަ ޖެނުއަރީ 16 ވަނަ ދުވަހުގެ ކުރިން 'ބަނޑޭރި ޕޯޓަލް' މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް ޖެނުއަރީ 26 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން އަންގާފައިވެއެވެ.
މި ސަރކިއުލަރއާއެކު، މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކުން ޕްރޮކިއުމަންޓް ޕްލޭންތައް ތައްޔާރުކުރުމާއި ފޯރުކޮށްދިނުމުގައި ޕްރޮކިއުމަންޓް ޕްލޭން މޮޑިއުލް ބޭނުންކުރާނެ ގޮތުގެ އިރުޝާދުތައް ހިމެނޭ ޔޫސަރ ގައިޑްލައިނެއް ހިމަނާފައެވެ.
ފިނޭންސް މިނިސްޓްރީން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވަނީ، ކޮރަޕްޝަނުގެ ބައެއް މައްސަލަތައް މިފަހުން ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މި ހަފުތާގައި މިނިސްޓްރީން ވަނީ މިނިސްޓްރީގެ ހުއްދަ ނެތި ލޯނު ނުނެގުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކަށްވެސް އަންގާފައެވެ.









