ހިނދުކޮޅެއްގެ ތެރޭގައި ނިކަމެތިކޮށްލި ބިޔަ ރާޅުގެ ބިރުވެރިކަން، މިއަދުވެސް ދިވެހިންގެ ހިތްތަކުގައި އެވަނީ ފުން ޒަޚަމެއްގެ ގޮތުގައެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހު ކުއްލިއަކަށް އައި އެ ނުރައްކާތެރި ރާޅުތަކުގެ ސަބަބުން، އެތައް ބައެއްގެ ފުރާނަ ގެއްލި، އާއިލާތައް ރޫޅި، ދިރިއުޅުންތައް ބަދަލުވެގެން ދިޔައެވެ.
ސުނާމީގެ ވިހަ ރާޅުތަކުން ގެއްލުނު 82 ފުރާނައިގެ ވޭން، އަދިވެސް އެ ޢާއިލާތަކުގެ ހިތްތަކުގައި އެވަނީ އިއްޔެ ވީ ކަމެއްހެންނެވެ. އުއްމީދާއެކު ދިރިއުޅުން ބިނާކުރަމުންދިޔަ އެތައް ބަޔަކު، ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ އެއްޗެއް ގެއްލި، ހާސްކަމާއި ނާއުއްމީދުކަމުގެ ވަޅުގަނޑަށް ވެއްޓުނެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތުން އާރާސްތުކޮށްފައިވާ ގެދޮރު، ސުނާމީގެ ރާޅުތަކުގެ ތެރެއަށް ގެއްލިގެންދިޔަ މަންޒަރު ބަލަން ތިބި މީހުންގެ ހިތްތަކަށް ލިބުނު ހިތްދަތިކަމަކީ ބަޔާންކުރަން ދަތި އެއްޗެކެވެ.
ސުނާމީ ކާރިސާގައި ގެތައް ސުންނާފަތިވިއިރު 82 ފުރާނައެއް އަޅުގަނޑުމެންނާއި މި ބިމުން ވަކިވި / ފައިލް ފޮޓޯ
ސުނާމީގެ އަނދިރި ވަގުތުތަކުގައި، ދިވެހިންގެ މެދުގައި ފެނިގެންދިޔަ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ، އެ ހިތާމަވެރި ދުވަސްވަރުގެ ހަނދާންތަކުގެ ތެރެއިން ފެންނަ އުޖާލާ އަލިކަމެކެވެ. ގެދޮރު ގެއްލި، ހުރިހާ އެއްޗެއް ނެތިގެންދިޔަ މީހުންނަށް އެހީވުމަށް، އެތައް ބަޔަކު ކުރިމަތިލީ ހިތުގެ އަޑިން އިޚްލާޞްތެރިކަމާއެކުގައެވެ. އެކަކު އަނެކަކަށް އެހީތެރިވެ، ކާބޯތަކެއްޗާއި ފޭރާމާއި ހިޔާވަހިކަން ފޯރުކޮށްދިން މަންޒަރުތަކަކީ، އެ ދުވަސްވަރު ދިވެހިންގެ މެދުގައި އޮތް ގުޅުމުގެ ބާރުގަދަކަން ދައްކުވައިދޭ ހެކިތަކެކެވެ.
މިއަދު، ސުނާމީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން ހަނދާން އާކުރަނީ އެ ދުވަހު ގެއްލުނު ފުރާނަތަކާއި، އޮޔާދިޔަ ދިރިއުޅުންތަކެވެ. އެހެންނަމަވެސް، އެ ވޭނާއެކުވެސް، ދިވެހިން ދެއްކި ކެތްތެރިކަމާއި ޢަޒުމަމަކީ، މިއަދުވެސް އަޅުގަނޑުމެންނަށް ފަޚުރުވެރިވެވޭ ކަމެކެވެ. ގެއްލުނު ތަންތަން އަލުން ބިނާކޮށް، ހަލާކުވި ރަށްތައް އާރާސްތުކޮށް، ދިވެހިން ވަނީ އަލުން ތެދުވެ ކޮޅަށް ޖެހިފައެވެ.
ރާޅު އަރައިގެން އައި ވަގުތު ރ. ކަނދޮޅުދޫގައި މީހަކު މިސްކިތާއި ދިމާލަށް ދާ މަންޒަރު މިއީ ރ. ކަނދޮޅުދޫ އަޙަމްދު މުޙައްމަދު ނަގާފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް. މި ވީޑިއޯ ވަނީ ޓެލެވިޜަން މޯލްޑިވްސްއަށް ހަދިޔާ ކޮށްފައި.
ސުނާމީގެ ހިތި ތަޖުރިބާއިން ލިބުނު ފިލާވަޅުތަކުގެ އަލީގައި، މިއަދު ދިވެހިރާއްޖެ ވަނީ ކާރިސާތަކަށް ތައްޔާރުވުމުގައި އިތުރަށް ހޭލުންތެރިވެފައެވެ. އެހެންނަމަވެސް، އެ ދުވަހުގެ ހަނދާންތައް އަދިވެސް އެވަނީ ދިވެހިންގެ ހިތްތަކުގައި ފުން ޒަޚަމެއްގެ ގޮތުގައެވެ.
ސުނާމީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި ހަމަހިމޭންކަމުގެ ސުކޫތެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާއިރު، އެތައް ބަޔަކު މިވަނީ އެ ވަގުތު ހޭދަކުރުމަށް ތައްޔާރުވެފައެވެ. ހެނދުނު 9:23 ގައި ބޭއްވޭ މި ސުކޫތުގައި، އެތައް ބަޔަކު ހިތުގެ އަޑިން ދުޢާކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ސުނާމީގެ ހިތި ހަނދާންތަކުގެ ތެރެއިން - ވީޑިއޯއަކުން ނަގާފައިވާ ސްކްރީންޝޮޓެއް (ފައިލް)
ސުނާމީގެ ކާރިސާގައި 23 ރަށަކަށް ބޮޑެތި ގެއްލުންތައް ލިބި، 4 ރަށެއް އެއްކޮށް ސުންނާފަތިވެގެން ދިޔައިރު، 15,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ. 13 ރަށަކުން މީހުން އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނު އިރު، މުޅި ރާއްޖޭގެ 191 ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. މި ހިތާމަވެރި ހަޤީޤަތްތަކަކީ، ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ އެއްޗެއް ނޫނެވެ.
"އަޙްމަދިއްޔާ ސްކޫލުން އަހަރެން ބްރޭކަށް ގެއަށް އައީ. އެއީ ބައްޕަ މައްކާއަށް ފުރަން ވެގެން މެޑިކަލް ހަދަން އައިސް ހުރިއިރު. އަހަންނަށް ފެނުނީ ކުއްލިޔަކަށް ލޮނުޒިޔާރަތްމަގުން ރާޅު އަރައިގެން އައިސް އަހަރެންގެ ފައިބުޑާ ހަމައިން. އޭރު އަމީރުއަޙްމަދު ސްކޫލާއި އަހަރެން އަރާ ހަމަވަނީ. އަހަރެންގެ ހިތުގައި އުފެދުނު ބިރުވެރިކަން މިއަދުވެސް ހަނދާންވޭ." އޭރުގެ ދަރިވަރެއް ބުންޏެވެ. އޭނާ ބުނީ މިއަދު އުފާވާ ކަމަކީ އެ ދަތި ޙާލުގައި އެންމެން އެކަތިގަނޑަކަށް ވީމައެވެ.
ސުނާމީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން ހަނދާންކުރަންވީ ހަމައެކަނި ގެއްލުނު ފުރާނަތަކާއި ހަލާކުވި ތަންތަން އެކަންޏެއް ނޫނެވެ. އެ ދުވަހު ދިވެހިން ދެއްކި ހިތްވަރާއި، ޢަޒުމާއި، އެކުވެރިކަމުގެ ރޫޙުވެސް މެއެވެ. އެ ދުވަހުގެ ހަނދާންތަކުން އަޅުގަނޑުމެންނަށް ލިބެންވީ، އެއްބައިވަންތަކަމުގެ ބާރުގަދަކަން ދަސްކޮށްދޭ ފިލާވަޅެކެވެ. ކާރިސާތަކާ ކުރިމަތިލާން ތައްޔާރުވުމުގެ މުހިންމުކަން ދަސްކޮށްދޭ އިބުރަތެކެވެ.
ފައިލް ފޮޓޯ
ސުނާމީގެ ހިތާމަވެރި ހަނދާންތައް އަދިވެސް ދިވެހިންގެ ހިތްތަކުގައި އެހާ ފުންކޮށް ހުރިނަމަވެސް، އެ ކާރިސާއިން އަރައިގަތުމަށް ދިވެހިން ކުރި މަސައްކަތަކީ ދުނިޔެއަށް ދެއްކުނު ނަމޫނާއެކެވެ. ގެއްލުނު ތަންތަން އަލުން ބިނާކޮށް، ހަލާކުވެފައިވާ ދިރިއުޅުންތައް އަލުން ފަށައިގަތުމުގައި ދިވެހިން ދެއްކި ހިތްވަރަކީ، މިއަދުވެސް ފަޚުރުވެރިވާންޖެހޭ ކަމެކެވެ.
ސުނާމީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން އެންމެން ވިސްނާލަންޖެހެނީ، އެ ދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ރޫޙު އަލުން އާލާކުރުމަށެވެ. އެކަކު އަނެކަކަށް އޯގާތެރިވެ، އެހީތެރިވުމުގެ މުހިންމުކަން ހަނދާންކުރުމަށެވެ. ކުރިމަގުގައި ދިމާވެދާނެ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމަށް، އެކުވެރި، އެއްބައިވަންތަ ބަޔަކަށްވުމުގެ މުހިންމުކަން ވިސްނުމަށެވެ.
މިއަދުގެ ހަމަހިމޭންކަމުގެ ސުކޫތުގައި، އެތައް ހާސް ދިވެހިންނެއްގެ ހިތްތަކުން އުފެދޭނީ، ގެއްލުނު ފުރާނަތަކަށް ރަޙުމަތްލެއްވުމަށް އެދި ދުޢާއެވެ. ސުނާމީގެ ސަބަބުން ލިބުނު ހިތްދަތިކަމުން އަރައިގަތުމަށް އެދި ދުޢާއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރަށް ވަރުގަދަވުމަށް އެދި ދުޢާއެވެ.
ސުނާމީގެ ކާރިސާގައި ގެއްލުނު ފުރާނަތަކާއި، ހަލާކުވި ގެދޮރާއި، އޮޔާދިޔަ ދިރިއުޅުންތަކުގެ ހިތާމަވެރި ހަނދާންތައް އަދިވެސް ދިވެހިންގެ ހިތްތަކުގައި އެހާ ފުންކޮށް ހުރިއިރު، އެ ދުވަސްވަރު ފެނިގެންދިޔަ އެއްބައިވަންތަކަމުގެ މަންޒަރުތަކަކީވެސް ހަމައެހާ ވަރުގަދައަށް ހަނދާންތަކުގައި ހުރި އެއްޗެކެވެ. ގެދޮރު ގެއްލުނު މީހުންނަށް ހިޔާވަހިކަން ދިނުމަށް އެތައް ބަޔަކު ކުރިމަތިލި މަންޒަރު، ކާބޯތަކެއްޗާއި ފޭރާން ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރި މަންޒަރު، ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އެތައް ބަޔަކު ކުރިމަތިލި މަންޒަރު، އާދެ! މި ހުރިހާ މަންޒަރުތަކަކީވެސް ދިވެހިންގެ ހިތްތަކުގައި އަބަދުމެ ދިރިހުންނާނެ ހަނދާންތަކެކެވެ.
މިއަދު، ސުނާމީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން އެންމެން ވިސްނަންވީ، އެ ދުވަހުގެ ހިތި ތަޖުރިބާތަކުން ނަގަންޖެހޭ ފިލާވަޅުތަކާ މެދުގައެވެ. ކާރިސާތަކަށް ތައްޔާރުވުމުގެ މުހިންމުކަމާ މެދުގައެވެ. އަދި އެންމެ މުހިންމު ކަމަކީ، ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަމާ މެދުގައެވެ.
ސުނާމީގެ ހަނދާންތަކުން އުފެދޭ ކަރުނައިގެ ތެރެއިން، އަޅުގަނޑުމެން ދެކެންވީ އުއްމީދުގެ އަލިކަމެވެ. ގެއްލުނު ފުރާނަތަކަށް ދުޢާކުރާއިރު، އަޅުގަނޑުމެން ވިސްނަންވީ ދިރިތިބި މީހުންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށެވެ. ސުނާމީގެ ހިތާމަވެރި ހަނދާންތަކުން ލިބޭ ހިތްވަރާއެކު، ކުރިއަށް ދިއުމަށެވެ. އެއްބައިވަންތަ، ވަރުގަދަ، ދެމެހެއްޓެނިވި ޤައުމެއް ބިނާކުރުމަށެވެ.