ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ކާރިސާގައި، ފަރުބަދަމަތިން ފޭބި ބިޔަ ގަނޑުފެންގަނޑު ވެއްޓުނު ބާރުމިނުގެ ސަބަބުން 5.2 މެގްނިޓިއުޑްގެ ބިންހެލުމަކާއި އެއްވަރުގެ ލޮޅުމެއް ބިމަށް އަރާފައިވާކަން ސައިންސްވެރިންނާއި ބިންހެލުންތައް ދިރާސާކުރާ އިދާރާތަކުން ކަށަވަރުކޮށްދީފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވާ ގޮތުގައި، ހިމާލިޔާގެ ގާތްގަނޑަކަށް 5,200 މީޓަރު އުސްމިނުގައި އޮތް މި ގަނޑުފެންގަނޑު ވަކިވެގެން ތިރިއަށް ފޭބީ ގަޑިއަކު 193 ކިލޯމީޓަރުގެ ބާރު މިނުގައެވެ. ފުޅާމިނުގައި 2000 ފޫޓު ބޮޑު މި ގަނޑުފެންގަނޑު އެހާ ބާރުމިނުގައި ފަރުބަދައިގެ ވާދީތަކަށް ވެއްޓުމުން އެރި ލޮޅުމުގެ ސަބަބުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ސީޒްމިކް (ބިންހެލުން ބަލާ) ސްޓޭޝަންތަކަށް 5.2 ގެ ބިންހެލުމެއްގެ އަސަރު ވަނީ ރެކޯޑު ކުރެވިފައެވެ.
މި ބިޔަ ގަނޑުފެންގަނޑު ވެއްޓުމާއި އެކު ފަރުބަދަމަތީގައި ހުރި ހިލަތައްވެސް ކުނޑިކުނޑިވެ، ބޮޑެތި ގަސްތައް ވެސް ފުނޑާލައި، އުފެދުނު ކިސަޑާއި ފެނުގެ ބިޔަ ސުނާމީއެއް އެ ސަރަހައްދުގެ އަވަށްތަކަށް އެރިއެވެ.
މި ހާދިސާގައި މިހާތަނަށް 1800 އެއްހާ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ބެލެވެއެވެ. ސަބަބަކީ ކިސަޑުގެތެރެއަށް ދަމައިގަތް 1400 އެއްހާ މީހުންގެ ހިލަމެއް މިހާތަނަށް ނުވާތީ އާއި، އިތުރު ކޯރެއް ބަންޑުންވުމުގެ ބިރާއި އެކު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓަލާފައި ވާތީއެވެ.









