2004 ވަނަ އަހަރު ޑިސެމްބަރު 26 ވަނަ ދުވަހު ހިނގި ސުނާމީ ކާރިސާގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މާދަމާ މުޅި ރާއްޖޭގައި ހަމަހިމޭންކަމުގެ ސުކޫތެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ސަރުކާރުގެ އެހެނިހެން ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި، މި ސުކޫތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:23 ގައެވެ. މިއީ ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި ބާއްވާ ސުކޫތެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީތަކުން ވަނީ އެ މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވުމަށް އެދިފައެވެ. މިއީ މިދިޔަ އަހަރުވެސް ސުނާމީ ކާރިސާގެ ހަނދާނުގައި ބޭއްވި ހަމަހިމޭންކަމުގެ ސުކޫތާ އެއްގޮތަށް ބާއްވާ ހަރަކާތެކެވެ.
2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ދުނިޔޭގެ އެތައް ޤައުމަކަށް ކުރިއެވެ. މި ކާރިސާގައި ރާއްޖޭގެ 191 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. އަދި 13 އަތޮޅެއްގެ 28 ރަށަކުން މީހުން މަރުވިއެވެ.
ސުނާމީ ކާރިސާއާ ގުޅިގެން، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް މިހާރު ފާހަގަކުރަމުންދަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މާދަމާ ބާއްވާ ސުކޫތަކީ މި ދުވަހުގެ މުހިންމުކަން ފާހަގަކޮށް، ކާރިސާގައި ގެއްލުނު ފުރާނަތައް ހަނދާންކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ހަރަކާތެކެވެ.