ކޮންސްޓްސްރަކްޝަން މަސައްކަތަށް ރާއްޖެ ގެނެސް ޙާލުގައި ޖެއްސި އިންޑިއާގެ ލޭބަރުންގެ މައްސަލަ ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ބަލަމުން އަންނަ ކަމަށް މިއަދު ބުނެފިއެވެ.
އެލްއާރުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮންސްޓްރަކްޝަން މަސައްކަތަށް ރާއްޖެ ގެނެސްފައިވާ 40 ބިދޭސީންނަށް އެއް މަހާއި 10 ދުވަހުގެ މުސާރަ ނުދޭ ކަމަށާއި އެނބުރި ގައުމަށް ދާން ބޭނުންވާ ކަމަށް ބުނެ، އެ އޮތޯރިޓީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ މީހުން ގެނައި ކުންފުންޏާ މުޢާމަލާތްކޮށް، އެ މުއްދަތަށް ވާ ފައިސާ ލިބުމުން، އެނބުރި ޤައުމަށް ފުރަން ބޭނުންވާ މުވައްޒަފުން ފުރުވާލުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެލްއާރުއޭ އިން ބުނީ މައްސަލަ ޙައްލުކުރުމަށް ކުންފުންޏާ އެކު، އެ އޮތޯރިޓީން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެއީ ޢިމާރާތްކުރުމުގެ އެކި ކަހަލަ މަސައްކަތްތައް ކުރާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްގެ މުވައްޒަފުންނެވެ. އެއީ އިންޑިއާގެ ލޯނު އެހީގައި ތަރައްޤީކުރަމުން އަންނަ އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތަށް ގެނައި ލޭބަރުންނެވެ.
މި މައްސަލަ ފެންމަތިވީ މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން އެ މީހުން ގެންގުޅުނު ކަމަށް ބުނެ، އެ މީހުން ސަލާމަތްކޮށްދޭން އިންޑިއާގެ ސަރުކާރުގައި އެދި ސޯޝަލް މީޑިއާގައި އެ ލޭބަރުން ވީޑިއޯއެއް އާންމުކުރި ހިސާބުންނެވެ.









