އާ އަހަރު ފާހަގަކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކާ ގުޅިގެން ހުޅުމާލެ ތެރެ ބެލެހެއްޓުމުގެ ގޮތުންނާއި ހުޅުމާލެއަކީ އަމާން ރައްކާތެރި މާޙައުލެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމަށް ފުލުހުން "ރިވެލި"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް އިއްޔެ ފަށައިފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ސްޓެޓިކް ޑިއުޓީކޮށް، ވީސީޕީތައް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައިި ހުޅުމާލެ ފޭސް 1 ގެ ސަރަޙައްދުތަކާއި ފޭސް 2 ގެ ސަރަޙައްދުތައް ބެލެހެއްޓުން އިތުރުކުރުމާއި ފޭސް 3 ހިމެނޭ ސަރަޙައްދަށް ވަދެނިކުމެ ހަދާ މީހުންނާއި އުޅަނދުތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ސަރަޙައްދުތައް ވެސް ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ފައްޓަވާދެއްވައި، މުވައްޒަފުންނާ މުޚާތަބުކޮށް އޮޕަރޭޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހުސައިން ވިޝާމް ވިދާޅުވީ މި އޮޕަރޭޝަނަކީ އާ އަހަރާ ގުޅިގެން ހުޅުމާލެ ތެރެ ބެލެހެއްޓުން އިތުރުކޮށް، ހުޅުމާލެ ހަލަބޮލިވިޔަ ނުދިނުމަށާއި ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
ހުޅުމާލެ އަމާންކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށާއި މި ދުވަސްވަރަކީ ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނާއި ޓޫރިސްޓުންގެ ހަރަކާތްތައް އިތުރު ދުވަސްވަރެއްކަން ފާހަގަކުރައްވައި، އެންމެނަށް ވެސް އަމާން، ރައްކާތެރި މާޙައުލެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އާ އަހަރާ ދިމާކޮށް ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި"ގެ ދަށުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓް، އެއާޕޯޓް ޕޮލިސް އަދި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.









