ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށް ތަޙުޤީޤުގެ ބޭނުމަށް 30 ދުވަހަށް ބަންދު ކޮށްފިއެވެ.
އެ ދެ ފިރިހެނުން ހައްޔަރުކުރީ އެ މީހުންނާ މެދު ޝައްކު ކުރެވިގެން ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ އެ މީހުންގެ ލަގެޖުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަށް ފެތޭ މިންވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ކޯޓުން އިއްޔެ ނިންމީ ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް ޖެހުމަށެވެ.
މަސްތުވާތަކެއްޗަކީ އެ މީހުންގެ އެއްޗެއް ނޫން ކަމަށާއި އެއީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށް ތަޙުޤީޤުގައި މިހާތަނަށް އެ ދެމީހުން ވެސް ވަނީ ބުނެފައެވެ. ނަމަވެސް، މައްސަލައިގެ ފުލުހުން ހުށަހެޅި ހެކިތަކަށް ބަލައި، ކޯޓުން ނިންމީ ބަންދުގައި ބަހައްޓަން ޖެހޭ ޙާލަތު އޮތް ކަމަށެވެ.









