އާ އަހަރާ ދިމާކޮށް މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީ ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މި ދުވަސްވަރު ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ޑްރަގްސް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ހުޅުމާލެ ޕޮލިހާއި މެރިން ޕޮލިސް އަދި ކ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތައް ގުޅިގެން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލްކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވާ އަދި އެ ބާވަތްތައް ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭތަކާއި ރެސްޓޯރެންޓްތައް މޮނީޓާކޮށް، ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އާ އަހަރުގެ ޕާޓީތަކާ ދިމާކޮށް ކޮންމެ އަހަރަކު ވެސް މާލެ ސަރަޙައްދާއި ލޯކަލް ޓޫރިޒަމް އޮންނަ ރަށްރަށާއި ސަފާރީތަކުން މަސްތުވާތަކެތި އަތުލައިގަނެއެވެ.









