ޙައްޖުގެ އުޞޫލަށް ބަދަލު ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މި ބަދަލުތަކުގެ ތެރޭގައި، ފަރުޟު ޙައްޖު އަދާނުކޮށް ތިބި މީހުންނަށް އިސްކަން ދިނުމާއި، ކުރިން ޙައްޖުވެފައިވާ މީހުންނަށް 5 އަހަރުން އެއްފަހަރު ފުރުޞަތު ދިނުން ހިމެނޭ ކަމަށެވެ.
މި ބަދަލުތައް ގެނައުމުގެ މަޤްޞަދަކީ ފަރުޟު ޙައްޖުކުރަން އެދޭ ފަރާތްތަކަށް އިތުރު ފުރުޞަތު ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައެވެ.
މިހާރު ރާއްޖޭގައި ޢަމަލުކުރާ އުސޫލަށް ބަލާލާއިރު، ޢުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް އިސްކަންދެވެއެވެ. އަދި ޙައްޖަށް ދިޔުމުގައި އެހެން ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ދެވޭއިރު، ރާއްޖެއަށް އަހަރަކު ލިބޭ 1000 ޙައްޖު ކޯޓާ އެއްކޮށް ދެނީ ޙައްޖު ކޯޕަރޭޝަނަށެވެ.
ވަޒީރު ވިދާޅުވީ މި ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުވެސް ހޯއްދަވާނެ ކަމަށެވެ. މި ބަދަލުތަކާއެކު ޙައްޖަށް ދިއުމުގެ ފުރުޞަތު ހަމަހަމަކޮށް، ބޮޑު އަގުގައި ޙައްޖަށް މީހުން ގެންދިއުން ހުއްޓުވުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.









