ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "އެމްއެލް ސްކޮލަރޝިޕް ފަންޑް 2024" ގެ ދަށުން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބޭ ތިން ދަރިވަރުން އެ ބޭންކުން ހޮވައިފިއެވެ.
މި އަހަރުގެ ސްކޮލަރޝިޕް ލިބިފައިވަނީ ރީޝަމް މުޙައްމަދު، ނޫރްހާން މުޙައްމަދު މޫސާ އަދި ޢާއިޝަތު ޝަރާ ނަޞީރު އަށެވެ.
މި ސްކޮލަރޝިޕަކީ ތަޢުލީމީ ގޮތުން އެންމެ މަތީ ނަތީޖާ ހޯދާފައިވާ، ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމުގެ ޝައުޤުވެރިކަން ހުރި ދަރިވަރުންނަށް އަމާޒުކޮށްގެން ދެވޭ ފުރުޞަތެކެވެ. މި ސްކޮލަރޝިޕްގެ ދަށުން، ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީގެ ތެރެއިން ޔުނިވަރސިޓީއަކުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން އަންޑަރގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ހުރިހާ ޚަރަދެއް ބީއެމްއެލްއިން ހަމަޖައްސައިދޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފު ވަނީ މި އަހަރު ސްކޮލަރޝިޕް ޙާޞިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މި ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރާނެ ތަޢުލީމީ، ޤާބިލު ޒުވާނުންނަށް އިންވެސްޓް ކުރުމަށް ބީއެމްއެލް އިން ނުހަނު ބޮޑު އިސްކަމެއް ދޭކަމުގައިވެސް ޝަރީފު ފާހަގަކުރެއްވިއެވެ.
"މި ސްކޮލަރޝިޕްތަކަކީ ހަމައެކަނި ދަރިވަރުންގެ ފަރުދީ ކުރިއެރުމަށް ލިބޭ ފުރުޞަތެއްގެ އިތުރުން މިއީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްވެސްމެ" ޝަރީފު ވިދާޅުވިއެވެ.
2022 ވަނަ އަހަރު ތައާރަފްކުރެވުނު ބީއެމްއެލް ސްކޮލަރޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 6 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާޞިލުކުރަމުންނެވެ.









