މިދިޔަ ނޮވެމްބަރު މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި 12 މީހުންނަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޗް9-20-11 ގައެވެ. މި މައްސަލައިގައި ދިވެހި 12 ފިރިހެނުން ހައްޔަރު ކޮށްފައިވެއެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކުން އެނގުނީ، ގޭންގެއްގެ ބަޔަކު މީހަކު ރަހީނުކޮށްގެން ހިޔާ ފްލެޓު ސަރަޙައްދުގައި ހުރި ޓަވަރަކަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޢުލޫމާތާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ގޭންގް ކްރައިމް ޔުނިޓާއި ހުޅުމާލެ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރެވުނެވެ. ފުލުހުންނަށް އެތަނަށް ވަދެވުނީ، ރަހީނުކޮށްފައި ހުރި މީހާގެ އިނގިލި ބުރިކުރަން އުޅެނިކޮށެވެ.
އޮޕަރޭޝަން ހިންގުމުގައި ހަރަކާތްތެރިވި ފުލުހުންގެ އޮފިސަރެއް ބުނިގޮތުގައި، ރަހީނުކޮށްފައި ހުރި މީހާ ބުނެފައިވަނީ އޭނާގެ އިނގިލިތައް ސަލާމަތްވީ ކިރިޔާ ކަމަށެވެ. އަދި ފުލުހުންނަށް ވަދެވުނީ އިނގިލި ބުރިކޮށްލަން އުޅެނިކޮށް ކަމަށް އޭނާ ބުންޏެވެ.
ފުލުހުން މިއަދު މަޢުލޫމާތު ދިންގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު ނިންމާ ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް މި މަހުގެ 21 ވަނަ ދުވަހު ފޮނުވާފައިވާއިރު، މި މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.









