ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ލޯނެއް ނަގާނަމަ ފިނޭންސް މިނިސްޓްރީގެ ޙުއްދަ ހޯދުމަށް އެ މިނިސްޓްރީން އެސްއޯއީ ތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏަކުން އެއްވެސް ލޯނެއް ނަގަން ޖެހިއްޖެނަމަ، އެ މިނިސްޓްރީގެ ޙުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ކުންފުނީގެ ފަރާތުން އިތުރު ކުންފުންޏަކަށް ނުވަތަ އިތުރު ފަރާތަކަށް ލޯނު، ނުވަތަ އަނބުރާ ދައްކާ ގޮތަށް އެއްވެސް ފައިސާއެއް ދޫކުރާ ކަމުގައިވާ ނަމަވެސް، މިނިސްޓްރީގެ ޙުއްދަ ލިޔުމުން ހޯދަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެއްވެސް އެސްއޯއީއަކުން އެއްވެސް މަޝްރޫޢެއް ކުރިއަށް ގެންދާނަމަ، އެ މަޝްރޫޢެއްގެ ފީސިބިލިޓީ ރިޕޯޓާއެކު މިނިސްޓްރީއަށް ހުށަހަޅައި ޙުއްދަ ހޯދައިގެން ނޫން ގޮތަކަށް ކުރިއަށް ނުގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއީ ސަރުކާރުން އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން އަންގާފައިވާ އެންގުމެއް ކަމަށެވެ. އަދި މިއީ މިކަން ކުރި ފުރަތަމަ ފަހަރު ނޫން ކަމަށާއި ސަރުކާރު ކުންފުނިތަކުގެ މެޖޯރިޓީ ޝެއާ ހޯލްޑަރުގެ ހައިސިއްޔަތުން އެ މަޢުލޫމާތު ފިނޭންސަށް އެނގެން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިހާރުވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ "ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސް ފޯ ސްޓޭޓް އޯން އެންޓަޕްރައިސަސް" ގެ ދަށުން ކުންފުނިތަކުން ލޯނާއި އިންވެސްޓްމަންޓްތަަކާއި އެފަދަ މާލީ މުޢާމަލާތެއް ކުރުމުގެ ކުރިން އެ ބޯޑުގެ ޙުއްދަ ހޯދަން ޖެހެއެވެ.
ފިނޭންސުން އެސްއޯއީތަކަށް މިގޮތަށް އަންގާފައިވާއިރު، ޕީސީބީ އުވާލައި އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކާ ގުޅޭ އާ ޤާނޫނެއް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރު ޙިއްސާވާ ކުންފުނިތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ގެންނަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ޕޮޒިޝަން ރިޕޯޓުގައި ވެސް ހިމަނާފައިވެއެވެ.









