ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލާ ޚިލާފުވާ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލުކުރުމަށް ގެޒެޓްކޮށްފައިވާ އުޞޫލުތަކާއި ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ޚިލާފުވާނަމަ ނުވަތަ އެއަށް ޢަމަލު ނުކުރާ ކުންފުނިތަކަށް ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
ޢުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލުގެ 19 ވަނަ މާއްދާއަށް ޢަމަލުކޮށްފައި ނުވާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އޭގެ ތެރޭގައި ޙުއްދަ ބާތިލުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ޢުމްރާވެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރަން ޖެހޭ ކަންކަން އެ މިނިސްޓްރީން ކުރާނެ ކަމަށެވެ.
ޢުމްރާއަށް މީހުން ގެންދިޔުމުގައި އެކި ފަރާތްތަކުން މަކަރާއި ޙީލަތް ހަދާ ގިނަ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި ފައިސާ ނެގުމުގެ މައްސަލަތަކާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އެނބުރި ރާއްޖެ އައުމަށް ޓިކެޓް ނުނަގައިދީ އޮތުމުން ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
ސަރުކާރުން ވަނީ މި މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ޚާއްސަ އުޞޫލެއް ހަދައި، ޢުމްރާއަށް ގެންދާ ކުންފުނިތަކުން މިނިސްޓްރީގެ ޙުއްދަ ހޯދަން ޖެހޭ ގޮތަށް ހަދާފައެވެ.









