އިސްރަށްވެހިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
"ނަފްސުގެ އަގު ވަޒަންކުރުން" މައުޟޫޢުގެ މައްޗަށް ކުރިއަށް ގެންދާ މި ސެޝަނަކީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ ސެޝަނެކެވެ.
މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ 16:00 އިން 17:30 އަށް އިސްރަށްވެހިންގެ ނާދީގައެވެ.
މި ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7925704 އަށް ނަމާއި އުމުރު ފޮނުވުމަށް ދެ ވުޒާރާއިން ވަނީ އެދިފައެވެ.
ޖުލައި މަހާއި އޮގަސްޓް މަހާއި އޮކްޓޫބަރު އަދި ނޮވެންބަރު މަހުގައިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަނުގައި ޢާއިލީ ގުޅުންތައް ޤާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުޢާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.
މި ސެޝަންތައް ވެސް ކުރިއަށްގެންގޮސްފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެންނެވެ.