މީހަކު ރަހީނުކޮށް، އަނިޔާކުރި ހިޔާ ފްލެޓުގެ އެޕާޓްމަންޓުން އަނެއްކާވެސް މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ފައިސާއާ އެކު ހަތަރު މީހުން އިއްޔެ ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ ހިޔާ ފްލެޓުގެ H9-20-11 އެޕާޓްމަންޓެވެ. އެ އެޕާޓްމަންޓުގައި މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލައެއް މިދިޔަ މަހު ވެސް ފުލުހުން ތަޙުޤީޤުކުރިއެވެ. ފުލުހުން އެ މީހާ ސަލާމަތްކުރީ އޭނާގެ ބޯ ބާލައި، އިނގިލި ބުރިކުރަން އުޅެނިކޮށެވެ. ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައި، އެ މައްސަލާގައި އެ ފަހަރު 12 މީހަކު ހައްޔަރު ވެސް ކުރިއެވެ.
ފުލުހުން މިއަދު ބުނީ ޑްރަގް އެންފޯސްމަންޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ފައިސާއާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކިހާ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ކަމެއް ފުލުހުން އަދި ނުބުނެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް، 40 އާއި ގއ. ކޮލަމާފުށި، އޯޝަންބްލޫ، އަބްދުﷲ ހަސަން، 41 އާއި ހދ. ނޭކުރެންދޫ، އިރުދޭމާގެ، ހުސައިން ރިޔާޒު، 33 އަދި ގއ. ދާންދޫ، ވަލުތެރޭގެ، އަބްދުﷲ ޖަމީލު، 32 އެވެ.
އެ އެޕާޓްމަންޓް ބަލައިފާސްކުރި އިރު މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ ޢަދަދެއްގެ ފައިސާގެ އިތުރުން ގިނަ ޢަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.









