ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅެނިކޮށް ކޯސްޓުގާޑުން އިއްޔެ ހިފެހެއްޓި ސޯމާލިއާގެ ތިން މީހުން ރާއްޖެ އައި ގޮތް ދެނެގަތުމަށް ފުލުހުން ތަޙުޤީޤެއް ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެމްއެންޑީއެފުގެ ބެލުމުގެ ދަށުގައި ތިބި ސޯމާލިއާގެ އެ ތިން މީހުން މިހާރު ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށެވެ.
އެ މީހުން ރާއްޖެ ސަރަޙައްދަށް އައި ގޮތް ދެނެގަތުމަށް ތަޙުޤީޤުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުންނާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާ މަޢުލޫމާތު ޙިއްސާކޮށް، ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
އެމްއެންޑީއެފުން އިއްޔެ ބުނި ގޮތުގައި، ޝައްކުކުރެވޭ ޑިންގީއެއް ފެނިގެން އެ ސަރަޙައްދަށް ކޯސްޓުގާޑުން ގޮސް ބެލިބެލުމުން ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" ޑިންގީއެއްގައި ތިބި ތިން މީހުން ފެނުނެވެ.
ޑިންގީއެއްގައި ތިއްބައި، ކޯސްޓުގާޑުން އެ މީހުން ހިފެހެއްޓީ ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 މޭލު ބޭރުންނެވެ.









