މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ 2 މިލިއަން ވަނަ ފަތުރުވެރިޔާ އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒްމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީގެ ޖަލްސާގައި ނިހާދު ވިދާޅުވީ މިހަފްތާގައި ދެމިލިއަންވަނަ ފަތުރުވެރިޔާ އަންނަ އެމަންޒަރު ފެންނާނެ ކަމަށާއި އެކަމާއި ދެކޮޅަށް އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖޭގެ އިމޭޖް ހަޑިކޮށްލުމަށް މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދަށް ބަލާއިރު، އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,978,252 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ޑިސެންބަރު މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި 103,560 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.9% އިތުރު އަދަދެކެވެ. މިނ9ސްޓްރީން އެންމެ ފަހުން ޢާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,092 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އަހަރުގެ މިހާތަނަށް 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.8% އިތުރު އަދަދެކެވެ.









