ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަލަށް އައްޔަންކުރެވުނު މެނޭޖިން ޑިރެކްޓަރު މުޙައްމަދު މަޢުރޫފް ޖަމީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދިންގޮތުގައި، މި ބައްދަލުވުމަކީ އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރު މަޤާމާ ހަވާލުވުމަށްފަހު ތަޢާރަފުވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ހިނގަމުންދާ ތަޙުޤީޤާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.
ކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ފަޟުލް ރަޝީދު އިސްތިޢުފާ ދެއްވާފައިވަނީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ބައެއް ފަރާތްތަކަށް ނުޙައްޤުން ގޯތި ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ތަހުޤީގް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި މައްސަލައިގައި ފުލުހުން ތަޙުޤީޤު ފަށާފައިވާއިރު، ޑޮކިއުމެންޓްތަކެއް ފޯޖުކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ، އެކަން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޭސީސީއަށް އަމުރުކޮށްފައިވެއެވެ.









