ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ އަނުޝްކާ ޝަރްމާ އާއި އޭނާގެ ފިރިމީހާ، އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީގެ ދިރިއުޅުން ލަންޑަނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
މިއަހަރުގެ ކުރީކޮޅު މި ދެމަފިރިން ލަންޑަނަށް ބަދަލުވާން އުޅޭ ކަމަށް ބުނެ ޚަބަރު ފެތުރެން ފެށި ނަމަވެސް، އެ ދެމީހުންގެ ފަރާތުން މިކަމާ ގުޅޭ އެއްވެސް ބަހެއް އޭރު ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިރާތު ކޯލީގެ ކޯޗު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ދައިނިކް ޖަގްރާންއާއެކު ކުރިއަށްދިޔަ އިންޓަވިއުއެއްގައި ވިރާތުގެ ކޯޗު ރާޖުކުމާރު ޝަރްމާ ބުނެފައިވަނީ ވިރާތު އާއި އަނުޝްކާ، އެ ދެމީހުންގެ ދަރިންނާއެކު ލަންޑަނަށް ބަދަލުވާން އުޅޭ ކަމަށެވެ. އަދި ވަރަށް އަވަހަށް އިންޑިއާ ދޫކޮށް، މި ދެމަފިރިން ލަންޑަނުގައި ވަޒަންވެރިވާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އަނުޝްކާ އާއި ވިރާތު ލަންޑަނަށް ދިރިއުޅުން ބަދަލުކުރަން ނިންމީ އެ ދެމީހުންގެ ދަރިން މީޑިއާތަކާ ދުރުގައި ބޮޑުކޮށް، އެކުދިންނަށް ރަނގަޅު އާދައިގެ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަނުޝްކާގެ ފިލްމީ މައިދާނަށް ބަލާއިރު، އޭނާ އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ނެރުނު "ޒީރޯ" ފިލްމުގައެވެ. މީގެ އިތުރުން، އަނުޝްކާ އާއި ވިރާތު ވަނީ ދާދި ފަހުން ލަންޑަނުގައި ވިޔަފާރިއެއް ވެސް ފަށާފައެވެ.









