ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރާއްޖޭގެ ހަތް މެޖިސްޓްރޭޓް ކޯޓަކަށް އައު ފަނޑިޔާރުން އައްޔަންކޮށްފިއެވެ.
ޖޭއެސްސީގެ 65 ވަނަ ބައްދަލުވުމުގައި މި ނިންމުން ނިންމާފައިވާއިރު، މި ފަނޑިޔާރުން އައްޔަނުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ކުރި އިޢުލާނަކާ ގުޅިގެންނެވެ.
ފަނޑިޔާރުން އައްޔަނުކޮށްފައިވާ ކޯޓުތަކަކީ ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓު، ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓު، ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓު، ކ. މާފުށި މެޖިސްޓްރޭޓް ކޯޓު، ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓު، ލ. މާވަށު މެޖިސްޓްރޭޓް ކޯޓު އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓެވެ.
އައްޔަނުކުރެވުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ އަލްއުސްތާޛު ޢަބްދުﷲ ޖައިލަމް، އަލްއުސްތާޛު ޖިނާން ޢަބްދުﷲ، އަލްއުސްތާޛު އިސްމާޢީލް މާހިރު، އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤު، އަލްއުސްތާޛު ޢަލީ އިސްމާޢީލް، އަލްއުސްތާޛު އަޙްމަދު ޝާފީ އަދި އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދެވެ.
މި ފަނޑިޔާރުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ޝަރުޢީ ދާއިރާގައި 3 އަހަރާއި 6 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ. އަދި ހުރިހާ ފަނޑިޔާރުންނަކީވެސް ޝަރީޢާ އަދި ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅުންނެވެ.
ޖޭއެސްސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފަނޑިޔާރުން ރަސްމީކޮށް މަޤާމާ ހަވާލުވާނީ މަޤާމުގެ ހުވާ ކުރެއްވުމަށްފަހުގައެވެ.









