ހަ ރަށެއްގެ ކައުންސިލްތަކުގެ ބައި-އިލެކްޝަން އަންނަ އަހަރުގެ ފެބުރުވަރީ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހާމަކޮށްފިއެވެ.
މި ބައި-އިލެކްޝަން ބާއްވަނީ ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމާއި، ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުކަމާއި، ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމާއި، ރ. ފައިނު ކައުންސިލްގެ ރައީސްކަމާއި، އަދި ފ. ބިލެތްދޫ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުތަކަށް މީހުން ހޮވުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އަންނަ ޖަނަވަރީ 6 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށެވެ. އަދި މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ ފެބުރުވަރީ 8 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް ވެސް އީސީން ބުންޏެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާނީ ފެބުރުވަރީ 9 ވަނަ ދުވަހު ކަމަށް ވެސް އީސީން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ، މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި އިންތިޚާބުގެ މުހިންމު ތާރީޚުތައް ހިމެނޭ ތާވަލު އެ ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ
މި ބައި-އިލެކްޝަނަކީ އެކި ސަބަބުތަކާ ހުރެ ހުސްވެފައިވާ ކައުންސިލްތަކުގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ.









