ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މައުރޫފް ޖަމީލު މިއަދު އައްޔަނުކޮށްފިއެވެ. އޭނާ މި މަޤާމަށް އައްޔަންކުރީ، ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ރޭގެ ވަގުތެއްގައި އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވުނު ގިނަ ތުހުމަތުތަކަކާއި އެކަމާއި ގުޅިގެން އަމާޒުވި ޕްރެޝަރާ ގުޅިގެންނެވެ. އެޗްޑީސީއާ ގުޅޭގޮތުން ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް މިހާރުވެސް ދަނީ ތަޙުޤީޤު ކުރެވެމުންނެވެ.
މައުރޫފް ޖަމީލަކީ މި ސަރުކާރުން އެކުލަވާލި ހައުސިންގ ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އާކިޓެކްޓެއް ކަމަށްވާއިރު، ހުޅުލޭ ފަޅު ހިއްކައި ހުޅުމާލެ ތަރައްޤީކުރުމުގެ ޕްރޮޖެކްޓުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ރާއްޖޭގެ ހިރިގަލު މިސްކިތްތަކާއި ރިސޯޓުތަކުގެ އާކިޓެކްޗަރއާ ގުޅޭ ރިސަރޗްތައްވެސް ކުރައްވާފައިވެއެވެ.








