ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ފަޒުލް އިސްތިއުފާ ދެއްވީ އޭނާއާއި ގުޅޭ ގޮތުން މިހާރު ބަލަމުންދާ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން މަޤާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.
މަޤާމުން އިސްތިއުފާ ދެއްވި ފަޒުލް، އެމަޤާމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވައެވެ..
ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ފަޒުލް ވިދާޅުވެފައިވަނީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާއި މެދު އެކި ގޮތްގޮތުން ކުރި އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ. އަދި އޭނާ އެޗްޑީސީއަށް އައްޔަންކުރި ފަހުން މިހާތަނަށް ކުރެއްވި އެންމެހާ މުޢާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަޞްލަޙަތު އިސްކޮށްގެން ކުރެއްވި މުޢާމަލާތްތަކެއް ކަމަށް ފަޒުލް ވިދާޅުވެފައިވެއެވެ.
"ބިންވެރިޔާ" ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި މި ތުހުމަތުތަކުގެ ޙަޤީޤަތް ވީ އެންމެ އަވަސް ފުރުޞަތެއްގައި ރައްޔިތުންނަށް ހާމަވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮތުމަށް ނޭދޭ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް އިސްތިއުފާ ދެއްވި ސަބަބުގެ ގޮތުގައި ވިދާޅުވެފައިވަނީ، "ބިންވެރިޔާ" ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަޙުޤީޤަށް ފުރުޞަތު ދިނުމަށާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ރައީސް އޮފީހަށް ފޮނުވި ސިޓީގައި ފަޒުލް ވަނީ ސަރުކާރަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފައެވެ.
ތިރީގައި މިވަނީ ފަޒުލްގެ އިސްތިއުފާގެ ސިޓީއެވެ.










