ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން އައި އިތުރު ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން އައި ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ބިދޭސީ ހަތް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރި ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލަތައް ތަހުގީގުކުރުމަށް ފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެ ތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ބާކީ ތިބި ހަ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވެސް ވަނީ އެ އިދާރާގެ އޮޕަރޭޝަންތަކުގައި ހަށިވިއްކާ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައިފަ އެވެ. އަދި އޭގެ ތެރެއިން ވަރަށް ގިނަ މީހުން ވަނީ ޑީޕޯޓްކޮށްފަ އެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފަ އެވެ.









