ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މާލެއަށް ނިސްބަތްވާ 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މީހާ ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، މި ފިރިހެނާގެ ހަށިގަނޑު ސްކޭން ކުރިއިރު ދިރުވާލާފައިވާ މަސްތުވާތަކެތީގެ ކެޕްސޫލްތަކެއް ހުރިކަމަށް ތުހުމަތުކުރެވިގެން، މިހާރު ވަނީ ދޫނިދޫ މެޑިކަލް ކްލިނިކްގައި އެޑްމިޓް ކޮށްފައެވެ..
މި މައްސަލައިގެ ބަންދުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތްކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 5 ވަނަ މާއްދާއާ ހަވާލާދީ، އޭނާގެ ޣައިރު ހާޟިރުގައި ކަމަށް ކްރިމިނަލް ކޯޓުން ހާމަކުރިއެވެ.
މީގެއިތުރުން، މި ފިރިހެނާ އެޑްމިޓްކޮށްފައިވާ ހާލަތު ބަދަލުވުމުން 24 ގަޑިއިރުތެރޭގައި ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް އޭނާ ކޯޓަށް ހާޒިރުކުރަންވާނެކަމަށް ކޯޓުން ފުލުހުންނަށް ވަނީ އަންގާފައިއެވެ.









