ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް 6 ފަރާތަކާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި، ތަޙުޤީޤު ފެށިތާ 24 ގަޑި އިރު ތެރޭ، މިހާތަނަށް 6 ފަރާތަކާ ސުވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ 6 ފަރާތުގެ ތެރޭގައި، މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު ވެސް ހިމެނޭ ކަމަށެވެ. އަދި ދެން ހިމެނޭ ފަރާތްތަކަކީ އާންމު ބައެއް ފަރާތްތަކާއި ސަރުކާރު މުއައްސަސާތަކުގެ ބައެއް ފަރާތްތަކުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އިއްޔެ ފުލުހުން އެޗްޑީސީއަށް ވަދެފައިވާއިރު، ހެކި ނައްތާލުމަށްޓަކައި އެއްވެސް މަސައްކަތެއް އެ ކޯޕަރޭޝަނުން ކޮށްފައިވާކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި، އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ބައިވެރިވުން އޮތްކަން މިހާތަނަށް ތަޙުޤީޤަށް ކަށަވަރުވެފައި ނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ވެސް ސޯޝަލް މީޑިއާގައި މިފަދަ އެތައް މައްސަލަތަކެއް ފެންމަތިވަމުން އަންނަ އިރު، މި މައްސަލައިގެ ތަޙުޤީޤު ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.









