ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަންގެ އާއިލާއާއި އެ މީހުންގެ ދިރިއުޅުމާއި ބެހޭގޮތުން ގެނެސްދޭ ޑޮކިއުމެންޓަރީ ސީރީޒެއް ކަމުގައިވާ "ދަ ރޯޝަންސް" މިއަންނަ ޖެނުއަރީ 17 ގައި ޕްރިމިއާ ކުރާނެކަން އިއުލާން ކޮށްފިއެވެ. ޝަޝީ ރަންޖަން ޑައިރެކްޓް ކުރާ މި ސީރީޒްގައި ރޯޝަން އާއިލާގެ ފިލްމީ މަސައްކަތުގެ ވަރަށް ގިނަ ވާހަކަތަކާއި އެ މީހުންގެ އިންޓަވިއުތަކާއި އެ މީހުންނާ އެކީ މަސައްކަތްކުރި އެތައް ބައެއްގެ އިންޓަވިއުތައް ވެސް ގެނެސްދޭނެއެވެ.
ރޯޝަން އާއިލާގެ ފިލްމީ ތާރީޚު ފެށުނީ ރިތިކްގެ މާމަ، ރޯޝަން ލާލް ނާގްރަތް އިންނެވެ. އޭނާއަކީ މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި އެތައް ފިލްމެއްގެ މިއުޒިކް ހަދާފައިވާ ފަރާތެކެވެ. ރޯޝަން ވަނީ އުމުރުން 50 އަހަރުގައި 1967 ގައި މަރުވެފައެވެ. ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަނަކީ ކުރީގެ އެކްޓަރެއްގެ އިތުރުން ވަރަށް ކާމިޔާބު ޑައިރެކްޓަރެކެވެ. އަދި ރާކޭޝްގެ ކޮއްކޮ ރާޖޭޝް ރޯޝަނަކީ މިހާތަނަށް އެތައް ފިލްމަކަށް މިއުޒިކް ތައްޔާރުކޮށް ދީފައިވާ އެހާމެ ކާމިޔާބު މިއުޒިކް ޑައިރެކްްޓަރެކެވެ.
މި އާއިލާގެ ފިލްމީ ލެގަސީގައި މިހާރު އެންމެ އަރާހުރި މީހަކީ ރިތިކްއެވެ. އޭނާއަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ތަރިއެވެ. އަދި މި އަހަރު ޖޫންގައި ރިލީޒްކުރި "އިޝްގް ވިޝްގް ރީބައުންޑް" ފިލްމުން ރާޖޭޝްގެ ދަރިފުޅު ޕަޝްމީނާ ރޯޝަން ވެސް ވަނީ ބޮލީވުޑަށް ތައާރަފުވެފައެވެ.
"ދަ ރޯޝަންސް" ސީރީޒް ގެނެސްދޭނެ ކަމަށް ބުނެ މިހާރު ސީރީޒްގެ ފުރަތަމަ ޕޯސްޓަރު ވެސް ހިއްސާކޮށްފައިވާއިރު، މި ސީރީޒްއިން ރޯޝަން އާއިލާގެ ފިލްމީ ދުނިޔޭގެ ތާރީޚާއި އެ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ވެސް ގެނެސްދޭނެއެވެ.









