އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓަކުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
"ސީމެކްސް" ކިޔާ އެ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ މީހެއް ކަމަށްވާ ރާޖް ކުމާރު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ މީހާ ހޯދުމަށް ކަނޑާއި ވައިގެމަގުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގުނީ އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވަ އެވެ. އެއީ ފުވައްމުލަކާ 8 މޭލު ދުރުގައި އޮއްވަ އެވެ.
އެ ބޯޓު އައްޑޫން ފުރީ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރެވެ. ބޯޓު ފުރިއިރު އޭގައި ރާޖް ކުމާރު ހުރި ކަމަށާއި އެރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.









