ހުޅުމާލެއިން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކާއި ގުޅިގެން މިރޭ އެޗްޑީސީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅަނީ ހައުސިންގ މިނިސްޓްރީންކަމަށާއި، އެ މިނިސްޓްރީން ގޯތި ދޭން ނިންމާފައިނުވާ އެއްވެސް ފަރާތަކަށް އެޗްޑީސީން ގޯތި ދީފައި ނުވާނެކަމަށެވެ.
"އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރާ ފަރާތަކީ ރަޖިސްޓްރީ އޮންނަ ފަރާތެއްކަމަށް ބަލައިގެން އަޅުގަނޑުމެން ބައުންޑަރީ ޕާމިޓް ދޫކުރަނީ. އޭގެ ފަހުން ވެރިފިކޭޝަން ޕްރޮސެސްއެއް ފަށާފައިވާނެ،" ފަޒުލް ވިދާޅުވިއެވެ.
މީޑިއާގައި މިހާރު އުފެދިފައިވާ ސުވާލުތަކާއި ގުޅޭ ގޯތިތަކުގެ މައްސަލައަކީ ވެސް އެޗްޑީސީން ފާހަގަކޮށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި މައްސަލައެއްކަމަށް ފަޒުލް ވިދާޅުވިއެވެ. އެގޮތުން ދެ ގޯއްޗެއްގައި މައްސަލަ ހުރިކަން ފާހަގަވެ، އެކަން ބެލުމަށް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅީ އެޗްޑީސީން އިސްނަގައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާއިރު، އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން މުއައްސަސާތަކަށް ލިބޭނެކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ ގޯތި ދޫކުރުމުގައި އަމިއްލަ މަސްލަޙަތު ގެންގުޅުނު ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ މަންފާއަށްޓަކައި ފަތުރާ ދޮގު ވާހަކަތަކެއްކަމަށެވެ. އަދި ޖަވާބުދާރީވާން ނުކެރޭފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.









