ފްލެޓު އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، ފިލައިގެން ދިޔަ މައްސަލައިގައި ހިޔާނާތުގެ ދަޢުވާ އުފުލިފައިވާ ސީލައިފް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) އަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފިއެވެ.
ކްރިމިނަލް ކޯޓުން މަޢުލޫމާތު ދެއްވި ގޮތުގައި، އަންމަޓީގެ ފަރާތުން އެހެން މީހަކު ޖާމިނުވުމަށްފަހު ރާއްޖެއިން ބޭރަށް ދިޔުމަށް ހުށަހެޅުމާއި ގުޅިގެން، އޭނާގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.
މިގޮތުން، ކަފާލާތުގެ ދަށުން އަންމަޓީގެ ފަރާތުން މީހަކު ޖާމިނުވެ، ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު 14 ދުވަހުގެ މުއްދަތަކަށް ހުއްދަ ދީފައިވާއިރު، މި މުއްދަތު ގުނަން ފަށާނީ އޭނާ ރާއްޖެއިން ފުރާ ތާރީޚުން ފެށިގެންނެވެ.
އާބަންކޯ (ކުރީގެ އެޗް.ޑީ.ސީ) އާއި ސީލައިފާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި ފަރާތްތަކުގެ އަތުން ފައިސާ ނަގައި، ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އަންމަޓީގެ މައްޗަށް 42 ޚިޔާނާތުގެ ދަޢުވާ އުފުލާފައިވެއެވެ.
ފާއިތުވި އަހަރު ވެސް އަންމަޓީގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި އޭނާގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި ނަމަވެސް، އެ މައްސަލަ ދައުލަތުން އިސްތިއުނާފުކުރުމުން، ސުޕްރީމް ކޯޓުން ނިންމާފައިވަނީ އޭނާ ފުރުމަށް ހުއްދަ ދިނީ ރަނގަޅަށް ނޫން ކަމަށެވެ.









