މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލުން ގެއްލުނު މުހިންމު ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ އާއި މުހިންމު ޑޭޓާތައް އެ ކައުންސިލަށް ދޭން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިކަން ހާމަކުރީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުނު ލިޔެކިޔުންތަކުގެ ކޮޕީ ހޯދުމަށް ޑީއެންއާރާއި ޑީޖޭއޭއާއެކު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ. މި ބައްދަލުވުމުގައި މާލޭގެ ގެތަކުގެ ރަޖިސްޓްރީއާއި ގެދޮރާއިގުޅޭ ގަޒިއްޔާތަކުގެ ޑިޖިޓަލް ކޮޕީ ޑީޖޭއޭގައި ހުރިކަމަށާއި، އެ މަޢުލޫމާތު ސިޓީ ކައުންސިލަށް ފެންނާނެ އިންތިޒާމު ހަމަޖައްސައިދޭން ޑީޖޭއޭއިން އެއްބަސްވެފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވީ، މި ބައްދަލުވުންތަކުން އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ބޭނުންވާ ކައިވެނީގެ ސެޓްފިކެޓްތަކުގެ ޑިޖިޓަލް ކޮޕީ ވެސް ލިބިފައިވާކަމަށެވެ. މީގެ ސަބަބުން އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް އާންމުންނަށް ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ ކައުންސިލަށް ހުށަހަޅަން ނުޖެހޭނެކަމަށް ނަރީޝް ވިދާޅުވިއެވެ.
އަދި ޑީއެންއާރުގައި ހުރި މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީތަކުގެ ޑިޖިޓަލް ކޮޕީ ސިޓީ ކައުންސިލަށް ފެންނާނެ އިންތިޒާމު ހަމަޖައްސައިދޭން ވެސް އެ އިދާރާއިން އެއްބަސްވެފައިވާ ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ. މި ހުރިހާ މަޢުލޫމާތެއް ލިބުމުން، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން ސެކްޝަނާއި ލޭންޑް ސެކްޝަނުން ކުރިން ދެމުން އައި ޚިދުމަތްތަކުގެ 85 ޕަސެންޓް މަސައްކަތްތައް އަންނަ ހަފުތާގައި އަލުން ފެށޭނެ ކަމަށް އަޙްމަދު ނަރީޝް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހު، އިމާރާތްކުރުމާބެހޭ ވުޒާރާއާއި ގެދޮރުވެރިކަމާބެހޭ ވުޒާރާގެ އިތުރުން ތިމާވެއްޓާބެހޭ ވުޒާރާ ހިންގި އިމާރާތުގައެވެ. މި ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން އޮފީހުގައި ހުރި ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތަކެއް ވަނީ ގެއްލިފައެވެ.









