ރ. އަލިފުށީ ކައުންސިލުން އައިޑީ ކާޑަށް ހުށަހެޅުމުގެ ޚިދުމަތް މިއަދުން ފެށިގެން އަލުން ފަށައިފިއެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށެވެ.
އަލިފުށީ ކައުންސިލުން ބުނީ، މިއީ މީގެ 3 މަސް ކުރިންވެސް ދެމުން އައި ޚިދުމަތެކަމަށާއި ނަމަވެސް އޮންލައިންކޮށް އައިޑީ ކާޑަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅިގެން މި ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި މިހާރު އަލުން މި ޚިދުމަތް ފަށައިފައިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ކައުންސިލަށް ހުއްދަ ދިނުމާއި ގުޅިގެންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި ވައުދު ފުއްދުމަށްޓަކައި، ދާޚިލީ ވުޒާރާއިން ވަނީ އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާ ވަރަކުން ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައެވެ.
އައިޑީ ކާޑުގެ ޚިދުމަތަކީ 1984 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޚިދުމަތެކެވެ. މިހާރު މި ޚިދުމަތް ދެމުން އަންނަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުންނެވެ. އަދި ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު، 2021 ވަނަ އަހަރު ކޮވިޑް-19 އާ ގުޅިގެން އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަސައްކަތް ފެށިފައިވެއެވެ.









