ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު، ވޭޕް ބޭނުންކުރުން މަނާކޮށްފައިވަނިކޮށް، ވޭޕް ބޭނުންކުރި ހަތަރު މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި 17 ޑިސެމްބަރުގެ ނިޔަލަށް ވޭޕް ބޭނުންކުރި ހަތަރު މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިލެކްޓްރޯނިކް ސިގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ބެހުމާއި، ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
މި ޤާނޫނުގެ ދަށުން، ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ވޭޕް ވިއްކައި އޭގެއިން ވިޔަފާރިކުރާނަމަ، އެ މީހަކު 20،000 ރުފިޔާއިން އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށާއި، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
ޖޫރިމަނާކުރެވޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު އަންގާނީ މޮބައިލް ފޯނަށް ފޮނުވާ މެސެޖަކުން ކަމަށާއި، މި މެސެޖުގައި ހިމަނާފައިވާ ވާރުޕޭ ލިންކު މެދުވެރިކޮށް ފައިސާ ދައްކަންޖެހޭނެ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.









