ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ އާންމު ތަންތަން އިތުރުކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީ އާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ރޭ ވިދާޅުވީ ދުންފަތުގެ ދުމުން މުޖުތަމައު ރައްކާތެރިކުރުމަށް އެކުލަވާލާ ގަވާއިދަށް ކޮމެންޓްތައް ލިބި މިހާރު ޑްރަފްޓްކޮށް ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގަވާއިދު ގެޒެޓްކުރުމުން ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ތަންތަނާއި ނުކުރެވޭނެ ތަންތަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އާންމު ތަންތަން އިތުރުވާނެ ކަމަށާއި، އަދި ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ތަންތަން ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ޒާހިރު ވިދާޅުވީ ގަވާއިދު އާންމުކުރާ ހިސާބުން ގާނޫނު ތަންފީޒުކުރާ އިދާރާތަަކަށް ވެސް، ދުންފަތާބެހޭ ގާނޫނު ތަންފީޒުކުރުމަށް ކުރަން ޖެހޭ ކަންކަން ފަސޭހަވާނެ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ރަށްރަށުގައި އާންމުން ހޭލެންތެރިކުރުމަށް، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަދި ޖަމިއްޔާތަކާއި ގުޅިގެން މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ސަރުކާރުގެ މުޢައްސަސާތަކުގެ ކަމާއި ގުޅޭ ފަރާތްތައް އަހުލުވެރިކުރުމާއި އެ ފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރޭގެ ޕެނަލް ޑިސްކަޝަންގައި އިސްމާއިލް ޒާހިރު ވިދާޅުވި އެވެ.
"ދަފަރާ" ޕެނަލް ޑިސްކަޝަންގައި ހެލްތު މިނިސްޓްރީގެ އިތުރުން، ފުލުހުންނާއި އަދި ކަސްޓަމްސްގެ ފަރާތުން ވެސް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.