ވެމްކޯއިން ޚިދުމަތްދެމުންއަންނަ ރަށްރަށުގެ ގޭބިސީތަކުގެ ކުނި ބިލް، އަންނަމަހުން ފެށިގެން ކަރަންޓު ބިލުގައި ހިމަނައިގެން އަގުނެގުމަށް އެކުންފުނިން ނިންމައިފިއެވެ. މިކަން އިއުލާންކުރީ ވެމްކޯގެ އެސިސްޓެންޓް މެނޭޖަރ، ސޭލްސް އެންޑް ޕްރޮޖެކްޓް މުޙައްމަދު އަކްރަމް، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައެވެ.
ވެމްކޯއިން މިހާރު މާލެ ސަރަޙައްދުގެ އިތުރުން ސިޓީތަކާއި ލ. ފޮނަދޫއާއި ކ. މާފުށީގައި މި ޚިދުމަތް ދެމުން ގެންދެއެވެ. މިހާތަނަށް މި ޚިދުމަތް ދެމުންއައީ އެއްވެސް އަގެއް ނުނަގައެވެ. ނަމަވެސް އަންނަ މަހުން ފެށިގެން ވެމްކޯއިން ޚިދުމަތް ދެމުން އަންނަ ސަރަޙައްދުތަކުގައި އަގު ނަގަން ވަނީ ނިންމާފައެވެ.
މުޙައްމަދު އަކްރަމް ވިދާޅުވިގޮތުގައި ކުނި ބިލު ކަރަންޓު ބިލުގައި ހިމަނާފައި ފޮނުވާނީ މީޓަރަށް 34 ޔުނިޓް އެރާ ގޭބިސީތަަކަށެވެ. އަދި ބިލް ކުރެވިގެންދާނީ ޖެނުއަރީ މަހު ޚިދުމަތް ދިނުމަށްފަހު ފެބްރުއަރީ މަހުއެވެ.
ވެމްކޯގެ ޖެނެރަލް މެނޭޖަރ، ސަދަން އޮޕަރޭޝަންސް އަޙްމަދު ޝާފިޢު ވިދާޅުވީ ބިލު އެއްކޮށްލުމަށް ނިންމާފައިވަނީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ. އަދި އަންނަމަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ވެމްކޯގެ ޚިދުމަތް ދޭ ރަށްތަކުގައި އެޚިދުމަތް ދެމުންގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ވެމްކޯއިން ކުނީގެ ޚިދުމަތްދޭ އަގުތަކަށް ބަލާއިރު ކޮންމެ ގޭބިސީއަކަށް އަގު ކުރަނީ 150 ރުފިޔާއެވެ. އަދި ވިޔަފާރީތަކަށް ނަގަނީ ކޮންމެ ދުވަހަކަށް ލިޓަރަކަށް 20 ލާރިއެވެ. ގޭޓް ފީގެ ގޮތުގައި ޓަނަކަށް 212 ރުފިޔާ ނެގުމަށް ވަނީ ކަނޑައަޅާފައެވެ.









