ތ. ހިރިލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ 2024 ޑިސެމްބަރު 14 ވަނަ ދުވަހު ހިރިލަންދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ހައްޔަރުކުރެވުނު ދެ މީހުންނަކީ ތ. ހިރިލަންދޫ / ޗަމަން، އަޙްމަދު ސިނާނު (37އ) އާއި މާލެ، ހ.ސީރީނު ވިލާ، މުޙައްމަދު މާހިން (37އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އަޙްމަދު ސިނާނު ބަންދާމެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި މައްސަލައިގައި އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.









