މުޖުތަމަޢުގައި އަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތައް މި ދައުރުގެ ތެރޭގައި އިތުރުވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ދިވެހި މުޖުތަމަޢުގައި އަމާންކަން ދަމަހައްޓައި، ދީނީގޮތުން އެއްބައިވަންތަ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުޖުތަމަޢު ނެގެހެއްޓުމަށް ކުރިއަށްވުރެ ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާ ކަމަށެވެ. އަދި ފުލުހުންގެ މި މަސައްކަތުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދެވެން އޮތް އެހީތެރިކަމެއް ދޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
"ވުޒާރާއިން މަސައްކަތްކުރަމުންދަނީ ހެޔޮ ރަނގަޅު ފިކުރުތައް ޤާއިމްކުރުމަށް. ޚިޔާލު ތަފާތުވުންތަކުގައި ހުންނަ މައްސަލަތަކުގައި ބަހުސްކޮށްގެން ރަނގަޅުކުރުމަށް މަސައްކަތްކުރިން. ރާއްޖޭގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރުންފަދަ ކަންކަން ގުރޫޕު ހަދައިގެންކުރި. ދެ މުއައްސަސާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން މިކަން ހުއްޓުވުމަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްގޮތަށް ދިވެހިރާއްޖޭގައިވެސް އިސްލާމް ދީނުގެ ތެރެއިން އުފަންވާ "ހަރުކަށި ފިކުރު" ޤަބޫލުކުރާ މަދު ބަޔަކު ދިރިއުޅޭ ކަމަށެވެ. މި ފަރާތްތައް ދީނީ ގޮތުން ހޭލުންތެރިކުރުވައި، އިސްލާމީ އެއްބައިވަންތަކަން ޤާއިމްކުރުމަށް ކުރިއާއި މިހާރުވެސް ގިނަ މަސައްކަތްތަކެއް ފުލުހުންނާ ގުޅިގެން ކުރަމުންގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މުޖުތަމަޢުގައި އަމާންކަން ޤާއިމްކުރުމުގެ މޭންޑޭޓާ އެއްގޮތަށް ހޭލުންތެރިކުރުމަށްވެސް ގިނަ ޕްރޮގުރާމްތައް ހިންގާފައިވާ ކަމަށެވެ. އަދި ފުލުހުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު ޚާއްސަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ސީޕީ ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު އިންތިޒާރުކުރަމުންދަނީ ފުލުހުންނަށް ހިންގާ ދީނީ ޕްރޮގުރާމް ފެށޭނެ ދުވަހަކަށް. މި ޕްރޮގުރާމްގެ ސަބަބުން ފުލުހުންގެ ޚިދުމަތް އަދާކުރަމުންދާއިރު، ދީނީ ގޮތުން ހޭލުންތެރިވުމުގެ ސަބަބުން ޚިދުމަތް އަދާކުރުމުގައި ފަސޭހަތަކެއް ލިބޭނެ. އަދި މުޖުތަމަޢުގައި އަމަން އަމާންކަން ޤާއިމްކުރުމަށްވެސް ފަސޭހަވާނެ." ސީޕީ ވިދާޅުވިއެވެ.
މި ފަހުމުނާމާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢެވެ. މި ފަހުމުނާމާގެ ދަށުން އެކި ދާއިރާތަކުން ދެ މުއައްސަސާގެ ދެމެދުގައި އެހީތެރިކަން ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.









