ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ޅ. ކުރެންދޫ އާއި ނ. ކެނދިކުޅުދޫއަށް ވެސް ގެއްލުން ލިބިއްޖެއެވެ.
އެންޑީއެމްއޭ އިން ބުނީ ނ. ހެނބަދޫގެ އިތުރުން ކުރެންދޫ އާއި ކެނދިކުޅުދޫއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެގެން ގެތަކަށް ގެއްލުން ލިބެމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ރަށު ކައުންސިލްތަކާ ގުޅިގެން ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މެދުކެނޑުމެއް ނެތި ދެ ގަޑިއިރު ވަންދެން ހެނބަދޫއަށް ވެހުނު ވާރޭގައި، ރަށުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، 75 ގެއަކަށް ވަނީ ފެން ވަދެފައެވެ.
"މިއަދު ހެނދުނު ނ. ހެނބަދޫއަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ 75 ގެއަކަށް ވަނީ ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައި. ހެނބަދޫ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފެން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން." އެންޑީއެމްއޭ އިން ބުންޏެވެ.
ރާއްޖެ ކައިރީގައި އުފެދިފައިވާ ދެ ކޮޅިގަނޑު ސަބަބުން މި ދުވަސްވަރު މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން އިއްޔެ ވަނީ ލަފާކޮށްފައެވެ. އެހެންވެ، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ވެސް ވަނީ ފެންބޮޑުވެފައެވެ. ސިފައިން އަންނަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.









