ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ނ. ހެނބަދޫގައި ފެންބޮޑުވެ، ގޭގެއަށް ގެއްލުން ލިބިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ނ. ހެނބަދޫގައި ފެން ބޮޑުވެ، މީހުން ދިރިއުޅޭ ގޭގެއަށް ފެން ވަންނަމުންދާ ކަމަށެވެ.
އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ މަދު ގެއެއް ފިޔަވައި، ހުރިހާ ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ރައްޔިތުންނާއި ކައުންސިލާއި ސިފައިން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ރާއްޖެ ކައިރީގައި އުފެދިފައިވާ ދެ ކޮޅިގަނޑު ސަބަބުން މި ދުވަސްވަރު މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން އިއްޔެ ވަނީ ލަފާކޮށްފަ އެވެ. އެހެންވެ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. ސިފައިން އަންނަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.









