މާލެ ސިޓީ ކައުންސިލްގެ އެކި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ޓަކައި، އައު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފިކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިހާރު މާލެ ސިޓީ ކައުންސިލްގެ އެކި ޑިޕާޓްމަންޓްތައް ހިންގަމުންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ. މިގޮތުން އެ ކައުންސިލްގެ މަސައްކަތްތައް ހިނގަމުންދަނީ އަށް ވަރަކަށް ތަނުގައެވެ. އެހެންކަމުން، ހުރިހާ ޚިދުމަތްތަކެއް އެއް ތަނަކުން ދިނުމަށް ޓަކައި އައު އޮފީސް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން އިމާރާތް ކުރަހައި، އިމާރާތުގެ ހުރިހާ އިންޖިނިއަރިން ޑްރޯވިންގްސް ނިންމައި، އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދާ އެ ހުރިހާ މަސައްކަތެއް ކޮށްފައި މިހާރު މިއޮތީ. ދެން އޮތީ އެވޯޑުކުރުން،" އާޒިމް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އޮފީހަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހާދިސާއާ ގުޅިގެން، އަމިއްލަ އޮފީހެއް ނެތުމުން ދިމާވާ ދަތިތަކާއި ގެއްލުންތައް ފާހަގަކުރައްވައި، އަމިއްލަ އޮފީހެއް އެޅުމުގެ މުހިންމުކަން މޭޔަރު އާޒިމް ފާހަގަކުރެއްވިއެވެ.









