މޯލްޑިވްސް މީޑިއާ ކައުންސިލްގެ އައު ދައުރުގެ ރައީސަކަށް ހުސައިން ސަގީފް ހޮވިއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 307 ދުވަސް ކުރިން - 16 ޑިސެންބަރު 2024 21:29
ޚުލާސާ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އައު ރައީސަކަށް ހުސައިން ސަގީފް ހޮވިއްޖެ. ދެބުރަށް ވޯޓުލައި، 8 ވޯޓު ލިބިގެން ސަގީފް ރައީސަކަށް ހޮވުނުއިރު ނައިބު ރައީސަކަށް ހޮވުނީ އަމިއްލަގޮތުން ކުރިމަތިލި އިބްރާހިމް މުހައްމަދު.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ 16 ވަނަ ދައުރުގެ ރިޔާސަތަށް "ތިލަދުން އޮންލައިން"ގެ ހުސައިން ސަގީފް މިއަދު ހޮވިއްޖެއެވެ. ކައުންސިލްގެ މެންބަރުންގެ މެދުގައި ބޭއްވުނު ވޯޓުލުމުގައި ސަގީފަށް 8 ވޯޓު ލިބުނެވެ.

ސަގީފާ ވާދަކުރެއްވި "މިހާރު" ގެ ފާތިމަތު ޝަނާ މުހައްމަދަށް ލިބުނީ 7 ވޯޓެވެ. މި އިންތިޚާބު ނިމުނީ ދެ ބުރަކަށް ވޯޓުލައިގެންނެވެ. އިއްޔެ ބޭއްވުނު ފުރަތަމަ ބުރުގައި ދެ ކެންޑިޑޭޓުން 7-7 އިން އެއްވަރުވުމާއި ގުޅިގެން، މިއަދު ދެވަނަ ބުރެއް ބޭއްވުނެވެ.

ކުރިން ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވާފައިވާ ސަގީފް މިފަހަރު ރައީސަކަށް ހޮވުނުއިރު ކައުންސިލްގެ ނައިބު ރައީސްކަމަށް އިއްޔެ ހޮވިފައިވަނީ އަމިއްލަގޮތުން ކުރިމަތިލެއްވި އިބްރާހިމް މުހައްމަދެވެ. އޭނާއަށް 9 ވޯޓު ލިބުނުއިރު، ވާދަކުރި އިބްރާހިމް ފައުޒީއަށް ލިބުނީ 6 ވޯޓެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގައި ހިމެނެނީ މީޑިއާތަކުން 8 ނޫސްވެރިންނާއި އަމިއްލަގޮތުން 7 މެންބަރުން ހިމެނޭ ގޮތަށް ޖުމްލަ 15 މެންބަރުންނެވެ. މި ކައުންސިލްގެ ކޮންމެ ދައުރެއްގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%